Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

މެރިން ސައިންސް ސިމްޕޯޒިއަމް އަންނަ މަހު

މި އަހަރުގެ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކުރާ މި ސިމްޕޯޒިއަމް އޮންނާނީ އަންނަ މަހުގެ 4 އާއި 5 ގައި މާލޭގަ އެވެ. މި އަހަރަކީ މެރިން ސައިންސް ސިމްޕޯޒިއަމް ބާއްވާ ހަ ވަނަ އަހަރެވެ.

މިއީ ރާއްޖޭގައި މެރިން ސައިންސް ދާއިރާއިން ކުރާ ދިރާސާތަކުގެ މަސައްކަތްތައް އެއް ތަނަކުން ހިއްސާކުރެވޭ މައިގަނޑު ޕްލެޓްފޯމެކެވެ

ކުރީގެ ސިމްޕޯޒިއަމްތަކުގައި ލިބިފައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް ހަ ވަނަ ސިމްޕޯޒިއަމްގައި ވެސް ރާއްޖޭގެ ކަނޑުފަޅުގެ މާހައުލު ދެނެގަތުމަށާއި ބެލެހެއްޓުމަށް މުހިންމު މަޢުލޫމާތު އިތުރުވެގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ސިމްޕޯޒިއަމްގައި ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ޢަމަލީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތައް އެއް ތަނެއްގައި ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މުހިންމު މަޢުލޫމާތު ތަކެއް ލިބި، މުހިންމު ކޮލަބޮރޭޝަންތަކަކަށް ފުރުޞަތުތައް ހުޅުވިގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ސިމްޕޯޒިއަމްގައިވެސް ރާއްޖޭގެ ކަނޑުގެ ސައިންސްގެ ދާއިރާތަކުން ފުޅާދާއިރާއެއްގައި ކުރެވޭ ސައިންޓިފިކް ދިރާސާތަކުގެ ނަތީޖާތަކަށް ބިނާކޮށް އޯރަލް އަދި ޕޯސްޓަރުން ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ސިމްޕޯޒިއަމްގެ މައުޟޫތައް ކަނޑައަޅާނީ ހުށަހަޅާ އެބްސްޓްރެކްޓްތަކަށް ބިނާކޮށެވެ. ކުރީ އަހަރުތަކާއި އެއްގޮތަށް މި ފަހަރު ވެސް އެބްސްޓްރެކްޓް އަދި ޕްރެސެންޓޭޝަން ހުށަހެޅުމާއި، ސިމްޕޯޒިއަމްގައި ހިލޭ ބައިވެރިވެވޭނެ އެވެ.

އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހު ހުޅުވާލައި މިކަމާ ގުޅޭ އިތުރު ތަފުޞީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.