Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު މާލެ އަށް

ލ. މާވަށުގައި އިއްޔެ ކަރަށް ވަޅިއެއް ހަރައި މަރާލި ޒުވާނާގެ ހަށިގަނޑު މި ހާދިސާގެ ތަހުގީގަށް ބޭނުންވާ ތަހުލީލުތަކެއް ހެދުމަށް މާލެ ގެންގޮސްފި އެވެ.

އިއްޔެ ހެނދުނުގެ ހާދިސާގައި މަރާލާފައި ވަނީ މާވަށު، ނަލަހިޔާ، މޫސާ އިބްރާހިމް، 29 އެވެ.

ފުލުހުން ބުނީ ހަށިގަނޑު މާލެ ގެންދިޔައީ ރޭ ކަމަށެވެ. މޫސަ އަށް ހަމަލާ ދޭން ބޭނުންކުރި ވަޅި މޫދަށް އެއްލާލާފައި ވަނިކޮށް ފުލުހުން އިއްޔެ ހޯދާފައިވާ އިރު، އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މޫސަ މަރާލާފައި ވަނީ އޭނަ އާއި މުހައްމަދާ ދެމެދު ހިނގި މާރާމާރީއެއްގައި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.