ރަސްމީ ދަތުރެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ އަށް، ހޯމްލޭންޑް މިނިސްޓްރީގެ އިސް ވެރިޔަކު ފުރައްސާރަކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ލަންކާގެ ރައީސަށް ފުރައްސާރަކުރީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް އެޑްވައިޒަރެއްގެ މަގާމުގައި ހުރި ފާތުމަތު ރިފާތެވެ.
އިއްޔެ މެންދުރު ފަހު ޖުމްހޫރީ މައިދާނުގައި ލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ކިޔަން ބޭއްވި ރަސްމިއްޔާުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ޑިސަނަޔަކެ ފެންނަ ފޮޓޯއެއް ފޭސްބުކްގައި ޕޯސްޓްކޮށް ރިފާތު ލިޔެފައި އޮތީ އެ ރަސްމިއްޔާތަށް ލަންލާގެ ރައީސް "މުންޑެއް ލައިގެން ނައިކަން ނަސީބެއް" ކަމަށެވެ.

އެފަދަ ގޮތަކަށް އޭނަ ލަންކާގެ ރައީސަށް ފުރައްސާރަކުރީ އިއްޔެ ހެނދުނު ޑިސަނަޔަކެ ރާއްޖެ ވަޑައިގެންނެވި އިރު، ވަރަށް އާދައިގެ ގޮތަސް ހެދުން އަޅުއްވައިގެން ހުންނެވުމާ ގުޅިގެންނެވެ. ޑިސަނަޔަކެ އަލަަށް ރާއްޖެ ވަޑައިގެންނެވި ރަސްމީ ދަތުރު ހުންނެވީ އަތްދިގު ކުރުތާއެއް ތުރުކުރައްވައިގެންނެވެ.
ނަމަވެސް ޖުމްހޫރީ މައިދާނުގެ ރަސްމިއްޔާތުގައި ޑިސަނަޔަކެ ހުންނެވީ ކޯޓްފަޓްލޫނުގަ އެވެ.
ލަންކާގެ ރައީސަށް ރިފާތު ފުރައްސާރަކުރުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އޭނަގެ ޕޯސްޓް ޑިލީޓްކޮށްލައި، ޕްރޮފައިލް އެކައުންޓް ޕްރައިވެޓް ވެސް ކޮށްފައިވެ އެވެ.
މިހާރު "އަސްލު" ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ރިފާތަކީ ކުރިން ވީޓީވީ އާއި ޗެނަލް 13 ގައި ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.
މި ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހަކު ލަންކާގެ ރައީސަށް ފުރައްސާރަކުރި އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް. މި ސަރުކާރުގެ ކުރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ފުރައްސާރަކުރި މައްސަލައަކާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް މި އަހަރުގެ ކުރީކޮޅު ކުރިމަތިވި އެވެ. އެކަމާ ގުޅިގެން ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕޭންތަކެއް ވެސް އިންޑިއާ މީހުން ހިންގާފައިވެ އެވެ.