މިނިވަން ދުވަހާ ގުޅިގެން އައި ބަންދަށް ފަހު 'ގެދޮރުވެރިޔާ' ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދަނީ ހުޅުމާލޭ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި އެކަމަށް ހާއްސަކޮށް ހަދާފައިވާ ތަނުގައި ހެނދުނު 9 އިން ހަވީރު 4 އަށެވެ
އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ގެންދަނީ، ހައުސިން މިނިސްޓްރީން ފޯމުތައް ވެރިފައިކުރުމަށް ފަހު ދޭ ތަރުތީބުންނެވެ. މިނިސްޓްރީން އެމީހެއްގެ ނަން އެފްޑީސީ އަށް ފޮނުވުމުން 'ގެދޮރުވެރިޔާ' ޕޯޓަލުން އެ މައުލޫމާތު އަޕްޑޭޓްވިކަ މަށް އެމީހެއްގެ ފޯނަށް މެސެޖެއް ފޮނުވާއިރު، އެއްބަސްވުމުގައި ސޮއިކުރަން ޖެހޭ ފަރާތްތަކަށް އެކަން އަންގަނީ، އެފްޑީސީގެ "ފަހި ޕޯޓަލަށް ލޮގިންވުމަށް އަންގާ ޓެކްސްޓް މެސެޖަކުންނެވެ.
އެފްޑީސީން ތަރައްގީ ކުރަމުން އަންނަ 4،000 ސޯޝަލް ހައުސިން ޔުނިޓް މަޝްރޫޢުގައި 16 ޓަވަރު ހިމެނޭ އިރު އެ މަޝްރޫއުގެ 96 ޕަސެންޓް މިހާރު އޮތީ ނިމިފަ އެވެ.