މި އަހަރުގެ ޑިސެމްބަރު މަހު ގެނެސްދޭން ހަމަޖެހިފައިވާ "އެވަޓާ" ފިލްމު ސީރީޒްގެ ތިން ވަނަ ބައިގެ ޓްރެއިލާ އާންމުކޮށްފި އެވެ.
'އެވަޓާ: ފަޔާ އެންޑް އޭޝް' ގެ ނަން ދީފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ ޑިސެންމްބަރު 19 ގަ އެވެ. ޑައިރެކްޓަރު ޖޭމްސް ކެމަރޮންގެ މި ފިލްމު ހަދާފައި ވަނީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
'އެވަޓާ' ގެ ދެވަނަ ފިލްމަކީ 2022 ގައި ރިލީޒްކުރި "ދަ ވޭ އޮފް ވޯޓާ" އެވެ. ޖުމްލަ 469 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 2.320 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވެ އެވެ. ދެހާސް ނުވައެއްގައި ގެނެސްދިން 'އެވަޓާ' އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑް އޮތް ފިލްމެވެ. ޖުމްލަ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ އާމްދަނީ އަކީ 2.923 ބިލިއަން ޑޮލަރެވެ.
ޕެންޑޯރާ ކިޔާ ދުނިޔެއްގައި އުޅޭ އާދަޔާހިލާފު ބަޔަކާއި އިންސާނުންނާ ދެމެދު ހިނގާ ކުރިމަތިލުންތަކެއްގެ މައްޗަށް ގެނެސްދެމުން އަންނަ މި ފިލްމު ސީރީޒަކީ ސައިންސް ފިކްޝަން ޖޯންރާގެ އެއްޗެކެވެ.
'އެވަޓާ' ގެ ޑައިރެކްޓަރަކީ އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 1997 ގެ 'ޓައިޓޭނިކް' ވެސް ގެނެސްދިން ޑައިރެކްޓަރެވެ.