Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ބީއެމްއެލްއަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް / ފޮޓޯ؛ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހަ މަސް ތެރޭގައި އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެެވެ.

ބީއެމްއެލުން މިއަދު ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށެވެ. އެ މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށްވަނީ 558 މިލިއަން ރުފިޔާ ލިބިފައި ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައ ބަލާއިރު، 24 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް ބީއެމްއެލުން ބުންޏެވެ.

"މިއަހަރު ފުރަތަމަ ހަ މަސްދުވަހު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.05 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެވެ. މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ހިންގުމުގެ ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަ ޕަސަންޓުގެ ކުރިއެރުމެކެވެ" ބީއެމްއެލްއިން ބުންޏެވެ.

ދެވަނަ ކުއާޓަރުގައި 21.3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި 33.6 ބިލިއަން ރުފިޔާ ބީއެމްއެލްއަށް ޖަމާކޮށްފައިވާ ކަމަށާއި ބީއެމްއެލްގެ ޖުމްލަ އެސެޓް ހުރީ 51 ބިލިއަން ރުފިޔާގައި ކަމަށް ބީއެމްއެލުން ބުންޏެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި ކަމަށް ބީއެމްއެލުން ބުންޏެވެ. ބީއެމްއެލުން ބުނީ ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ހިފަހައްޓާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ މިއަހަރުގެ ހަ މަސް ތެރޭގައި ބޮޑު ފައިދާއެއް ލިބުމުން އުފާކުރައްވާ ކަމަށެވެ.

"މި ނަތީޖާއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތަށްދޭ އަހުމިއްޔަތުކަމާއި، އަޅުގަނޑުމެންގެ ސްޓްރެޓެޖީގެ ހަރުދަނާކަން. އަޅުގަނޑުމެން މިދަނީ ދެމެހެއްޓެނެވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ބޭންކުގެ އަމާޒަކީ ފައިދާ އިތުރުކޮށް ގައުމަށް ފައިދާކުރާނެ ބަދަލުތަކެއް ގެނައުން ކަމަށެވެ.

ބީއެމްއެލުން ބުނީ ވޭތުވެދިޔަ ކުއާޓަރުގައި ބޭންކުންވަނީ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން 296 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފައި ކަމަށެވެ.

އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓިއެމް ބެހެއްޓުމުގެ މަޝްރޫއު "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު މި ކުއާޓަރުގައި އިތުރަށް ފުޅާކޮށް، މ. އަތޮޅު، މ. އަތޮޅު އަދި ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިފައި ކަމަށެވެ. އަދި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އޭޓީއެމް ބަހައްޓާފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން މި ކުއާޓަރުގައި ބޭންކުންވަނީ "އީއެންވީ ޕީއޯއެސް" ތައާރަފުކޮށްފައިކަމަށް ބީއެމްއެލްއިން ބުންޏެވެ.

"އެ ޕްރޮގްރާމްގެ ދަށުން ބީއެމްއެލް ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުންވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތައް ހޭދަކުރާނެއެވެ. މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެއެވެ" ބީއެމްއެލްއިން ބުންޏެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއި، ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗު، 133 ސެލްސް ސާވިސް ސެންޓަރު، 188 އޭޓީއެމް، އެޖެންޓު ބޭންކިން ހިދުމަތްތަކާއެކު ބީއެެމްއެލްއިން ފޯރުކޮށްދެމުންދާކަމަށް ބީއެމްއެލްއިން ބުންޏެވެ.