Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

އުއްތަމަފަނޑިޔާރަކަށް 3 ބޭފުޅަކު ކުރިމަތިލައިފި

ހުސްވެފައިވާ އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އެ ތިން ބޭފުޅުންނަކީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއިގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.

އުއްތަމަފަނޑީޔާރުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މި މަހު 21 ގައި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

އެހެންވެ އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިން މުއްދަތު ހަމަވީ މިއަދަށެވެ. ފުރުސަތު މިއަދަށް ވަނީ ހަމަވެފަ އެވެ.

އުއްތަމަފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.

މުއުތަސިމް ރިޓަޔާކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުން ހިންގެވުން ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކޮށްފައިވެ އެވެ.