Last Updated: August 2, 13:27
Saturday, August 2, 2025
ރިޕޯޓް

ފާފަ ފޮހެވޭ 20 ކަމެއް!

ފާފަ އަކީ އަޅުގަނޑުމެންގެ ޙަޔާތުގެ ބަޔަކަށް މިއަދު މިވަނީ ވެފައެވެ. ބަލާލި ކޮންމެ ދިމާއަކުން ވެސް ފެންނަނީ ފާފަތަކަށް ހުޅުވިފައިވާ ދޮރުތަކެވެ. ނަމަވެސް މާތް الله ގެ އޯގާވަންތަކަމުން އެފަދަ ބައެއް ފާފަތައް ފުއްސަވާދެއްވާނެ ބައެއް ކަންކަމުގެ ޚަބަރު ވަނީ ދެއްވާފަ އެވެ.

ފާފަތައް ފޮހެލާ ބައެއް ހެޔޮ ކަންތައްތަކުގެ މިސާލުތައް:

1. ފާފައެއް ކުރެވުމުން ވުޟޫއެއް ކުރުމަށް ފަހު ދެ ރަކުޢަތުގެ ނަމާދެއް ކުރުން.
2. ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި 33 ފަހަރު الحمد لله، 33 ފަހަރު سبحان الله، 33 ފަހަރު الله أكبر، އަދި 100 ވަނަ ފަހަރަށް لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ” މިފަދައިން ކިޔުން.
3. ހެނދުނާއި ހަވީރު 100 ފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ ކިޔުން.
4. ޢިލްމުގެ މަޖިލިސްތަކަޢި ދަރުސްތަކަށް ޙާޟިރުވުން.
5. ފަރުޟު ނަމާދު ކުރުން.
6. އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމުމީހާގެ އާމީން އާއި ނަމާދުކުރާ މީހާގެ އާމީން ކިޔާ ވަގުތު ދިމާވުން.
އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ: ހަމަކަށަވަރުން ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: “އިމާމު މީހާ އާމީން ކިޔާ ހިނދު، ތިޔަބައިމީހުން ވެސް އާމީން ކިޔާށެވެ. އެހެނީ ހަމަކަށަވަރުން މީހެއްގެ އާމީން، މަލާއިކަތުންގެ އާމީންއާ ދިމާވެއްޖެ ނަމަ، އެ މީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސެވޭ ހުއްޓެވެ.”
7. ފަރުޟު ނަމާދުތަކަށް މިސްކިތަށް ހިނގާފައި ދިޔުން.
8. ރަމަޟާން މަހު ރޯދަހިފުން
9. ރަމަޟާން މަހު ރޭއަޅުކަން ކުރުން.
10. ބަންގި ގޮވާ ނިމުމުން “أشهد أن لا إله إلا الله وحده لا شريك له وأن محمداً عبده ورسوله، رضيت بالله رباً، وبمحمدٍ رسولاً، وبالإسلام ديناً” މިފަދައިން ކިޔުން
11. ޢާޝޫރާ ދުވަހު ރޯދަހިފުން
12. ޢަރަފާތް ދުވަހު ރޯދަހިފުން
13. ޢުމްރާކުރުން
14. ޞަދަޤާތް ދިނުން
15. ކެއުމަށް ފަހު މާތްﷲ އަށް ޙަމްދުކުރުން
16. ބައްޔާއި، ކަންބޮޑުކަމާއި ހާސްވުމުގެ ސަބަބުން މާތްﷲ އެމީހެއްގެ ފާފަފުއްސަވާނެ.

”އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާ ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ފާފަފުއްސަވައި ނުދެއްވާނެގޮތަކަށް (މިއިން އެއްވެސްކަމެއް) ނުޖެހެއެވެ.“ (މުސްލިމް)

17. ރަސޫލާގެ މައްޗަށް ޞަލަވާތްކިޔުން. اللهم صل وسلم على محمد
18. ދަތިހާލުގައި އުޅޭ މީހަކު ތިބާއަށް ދަރަނިވެރިވެފައިވާ ނަމަ އޭނާއަށް ދަރަނި ލުއިކޮށް ދިނުން ނުވަތަ މަޢާފުކޮށް ދިނުން
19. ސަތޭކަ ފަހަރު لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير ކިޔުން.
20. ވުޟޫކުރުން.

“މުސްލިމަކު ނުވަތަ މުއުމިނަކު ވުޟޫކުރާހިނދު، އޭނާގެ މޫނު ދޮވެލުމުން އެފެނާއިއެކު ނުވަތަ އެންމެ ފަހު ފެންތިއްކާއިއެކު އޭނާގެ ދެލޮލުން އޭނާ ބަލާފައިވާ ފާފަތައް މޫނުން ނުކުމެގެންދެއެވެ. ދެން އޭނާގެ ދެއަތް ދޮވެލުމުން އެފެނާއިއެކު ނުވަތަ އެންމެ ފަހު ފެންތިއްކާއިއެކު އޭނާގެ ދެއަތުން ކޮށްފައިވާ ފާފަތައް އޭނާގެ ދެއަތުން ނުކުމެގެންދެއެވެ. އަދި އޭނާ އޭނާގެ ދެފައި ދޮވެލުމުން އެފެނާއިއެކު ނުވަތަ އެންމެ ފަހު ފެންތިއްކާއިއެކު އޭނާގެ ފައިން ހިނގާފައިގޮސް ކުރެވިފައިވާ ފާފަތައް ނުކުމެގެންދެއެވެ. އޭނާ (އަށް ކުރެވިފައިވާ ކުދި) ފާފަތަކުން އެއްކޮށް ތާހިރުވަންދެނެވެ.” (މުސްލިމް 244)

ނޯޓް: މިއީ ޝައިޚް މުޙައްމަދު ރަފްހާންގެ ލިޔުއްވުމެކެވެ.