Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން އިލްތިމާސްކޮށްފި

މޫސުން ގޯސްވެފައިވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރެެއް ނޫނީ ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށާއި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލަން އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.