Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށްފި

ސްޓެލްކޯ އިން އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ މި މަޝްރޫޢުގެ ދަށުން، ފެރިދޫގެ ޑިސްޓްރިބިއުޝަން ވިއުގައިގެ 90 އިންސައްތަ އެއްކޮށް ބަދަލުކުރެވި، ފެރިދޫ އިންޖީނުގޭގައި 2000 އެމްޕަޔާގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ބެހެއްޓި ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މި އަޕްގްރޭޑްގެ ސަބަބުން، ކުރިން ދިމާވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ މުޅިން ހައްލުވެ، މުސްތަޤުބަލުގައި ރަށުގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާ ދިއުމަށް ކޭޓާ ކުުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މީގެ އިތުރުން، ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މައްސަލަ އަވަސް ފުރުސަތެއްގެ ތެރޭގައި ދެނެގަނެ، ހައްލުކުރުމުގެ ޤާބިލުކަން މި އައު ނިޒާމުގެ ސަބަބުން އިތުރުވެފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ސްޓެލްކޯ އިން ވަނީ މި ބަދަލުތަކާއެކު، ފެރިދޫގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުބާރު ބޮޑު ޚިދުމަތަކަށް ވެގެންދާނެ ކަމަށް ބުނެފަ އެވެ.