Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ލަންކާގެ ރައީސް ބައެއް ވަޒީރުންނާ ބައްދަލުކުރައްވައިފި

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބައެއް ވަޒީރުންނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

ލަންކާގެ ރައީސް މިއަދު ބައްދަލުކުރެއްވި ވަޒީރުންގެ ތެރޭގައި ހިމެނެނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާއި ފުލުހުންގެ އިދާރާ އަދި އިމިގްރޭޝަންގެ އިސް ބޭފުޅުންނާއި ވެސް ލަންކާގެ ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ.

ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ މުއާހަދާއަކާއި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ ޖިނާއީ މައްސަލަތަކާއި ޖިނާއީ ކުށްތައް ހުއްޓުވުމާ ގުޅޭ މުއާހަދާއެއްގެ އިތުރުން ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ.

ރައީސް ޑިސަނާޔަކެގެ މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަދުވަހުގަ އެވެ. މި އަހަރަކީ ދެޤައުމުގެ މި ތާރީޚީ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.