އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ތައްޔާރުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ނޫސްވެރިންނާ ވާހަކަދައްކަމުން މިއަދު ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި ސުލްހައަށް މަސައްކަތް ނުކުރާނަމަ، އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމިކަން އިއުލާންކުރާނެ ކަމަށެވެ.
އަދި ހަމާސް އިން ވެސް ރަހީނުކޮށްފައިވާ މީހުން ދޫކޮށްލައި ސުލްހަ އަށް މަސައްކަތް ކުރުމަށް ސްޓާމާ ވަނީ ގޮވާލާފަ އެވެ.
ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ 220 އަށް ވުރެ ގިނަ މެމްބަރުން ދާދިފަހުން ވަނީ އިނގިރޭސި ސަރުކާރަށް ގޮވާލައިފަ އެވެ. އޭގެތެރޭގައި ސްޓާމާގެ ސަރުކާރުގެ މެންބަރުން ވެސް ހިމެނެ އެވެ.
ފަލަސްތީނުގެ ދައުލަތް އަންނަ ސެޕްޓެމްބަރު މަހު ބަލައިގަންނާނެކަން ފްރާންސުން ވެސް ދާދިފަހުން ވަނީ އިއުލާންކޮށްފަ އެވެ.
އ.ދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެ އެވެ. އޭގެތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނޭއިރު، ސްޕެއިނަކީ އެއް ގައުމެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 59،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 130،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.