ނާޒުކު ޤައުމުތަކަށް ބައިނަލްއަޤްވާމީ ގޮތުން އިތުރު އެހީތެރިކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެ އެވެ.
ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްދާ 6 ވަނަ ވޯލްޑް ކޮންފަރެންސް އޮފް ސްޕީކާސް އޮފް ޕާލިމަންޓުގައި ތަގުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ޣައްޒާއާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކުން ފެށިގެން މޫސުމަށް އަންނަ ބަދަލުތަކާއި އިތުރުވަމުން އަންނަ ނަހަމަކަމުގެ ސަބަބުން ގިނަ ފަހަރަށް އޭގެ އަސަރު އެންމެ ފުރަތަމަ ކުރަނީ ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ކަމަށެވެ.
އަދި، ސުލްހަވެރިކަމާއި ތަނަވަސްކަން ދެމެހެއްޓުމަށްޓަކައި ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމަކާއި، އިންސާފުވެރިކަމާއެކު އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ކްލައިމެޓް އިމަޖަންސީ ޤާނޫނާއި 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންސްގެ ބޮޑު އަމާޒަށް ރާއްޖެ ކުރަމުންދާ ދަތުރު ފާހަގަކުރައްވައި، ނާޒުކު ޤައުމުތަކަށް ބައިނަލްއަޤްވާމީ ގޮތުން އިތުރު އެހީތެރިކަމާއި ތާޢީދު ދިނުމަށް އިލްތިމާސްކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި 25 އަށް ވުރެ ގިނަ ޕާލިމަންޓަރީ ފްރެންޑްޝިޕް ގްރޫޕް ގާއިމުވެފައިވާކަމާއި އައިޕީޔޫ އަދި ސީޕީއޭ ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ އެކު ރައްޔިތުންގެ މަޖިލީހުން މެދުކެނޑުމެއް ނެތި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ޕާލިމަންޓަރީ ޑިޕްލޮމަސީގެ މުހިންމުކަމުގެ މައްޗަށްވެސް މަޖިލީހުގެ ރައީސް ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
އަދި، ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، މަޖިލީހުގެ ރައީސްވަނީ ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބައިވަންތަކަން ދަމަހައްޓައި އަވަސް މަލްޓިލެޓަރަލް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފަ އެވެ.
މީގެއިތުރުން އަބްރުއްރަހީމް ވަނީ ސުލްހައާއި އިންސާފާއި ތަނަވަސްކަން ކުރިއެރުވުމުގައި އެއްބައިވަންތަކަމާއެކު ތިބުމަށާއި، އަދި ބައިނަލްއަޤްވާމީ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ އަޑު ހިމެނުމަށް އ.ދ.އާ ގުޅިގެން ގާތުން މަސައްކަތްކުރެއްވުމަށް ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކަށް އިލްތިމާސްކުރައްވާފަ އެވެ.