ސަރުކާރު ހިންގަންވީ ގޮތް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކިޔައިދިނުމުން އަންނަނީ ހިނި ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވެފައިމިވަނީ "ރިބޫޓް"ގެ ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓެއްގައި ސަރުކާރުތައް ހިންގަންވީ ނިޒާމާއި ކޮރަޕްޝަން ކުޑަކުރުމަށް ގެންގުޅޭ ހިޔާލުތަކާއި ގުޅޭގޮތުން ފައްޔާޒު ވާހަކަ ދެއްކުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކު ވެރިކަން ލިބުމުން ވެސް ކުރިކަމަކީ ދަރަނި ބޮޑުކުރުން ކަމަށާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް "ފުނޑާލީ" ކަމަށެވެ.
އަދި އޭރު "ހިންގާލި" މުޑުދާރު ވެރިކަމުގެ ސަބަބުން ގައުމު އޮތީ ބަނގުރޫޓު ވުމުގެ ތުންފަތް މަތީގައި ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
"ސަރުކާރު ހިންގާނެ ގޮތުގެ މޮޅު ގޮތް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ކިޔާދިނީމާ އަޅުގަނޑުމެން ގާތަށް ވަރަށް ހިނި އާދޭ،" ޝުޖާއު ވިދާޅުވި އެވެ.
އެ ޕޮޑްކާސްޓުގައި ވާހަކަދައްކަމުން އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވީ ނިޒާމު މިހާރު އޮތް ގޮތުން ކޮރަޕްޝަނުގައި ބައިވެރިނުވާ މީހުންނަށް ވެސް ތުހުމަތުތަކުން ސަލާމަތްވެވޭނެ ގޮތްތަކެއް ނެތް ކަމަށެވެ. އަދި ކޮރަޕްޝަން މަދުކުރަން ފައްޔާޒު ވަނީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ ތެރެއިން ޕްރޮކިއުމެންޓު ވަކިކޮށް މަރުކަޒީ ޕްރޮކިއުމެންޓު އިދާރާއެއް އުފެއްދުމަށް ހުށަހަޅުއްވާފަ އެވެ.
މީގެއިތުރުން ރަށްރަށުގައި ސަރުކާރުން ހިންގުމަށް ކަނޑައަޅާ ތަރައްގީގެ މަޝްރޫއުތަކުގެ ބަޖެޓު ކައުންސިލުތަަކަށް އެއްކޮށް ދޫކޮށްލުމަށް ވެސް ފައްޔާޒު ހުށަހެޅުއްވި އެވެ.