މާލޭގެ މަގުތަކުގައި ކުރިން ފެން ބޮޑުވާގޮތަށް މިހާރު ފެން ބޮޑު ނުވާނެ މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް ގުޅިފައި ހުންނަނީ، މާލޭގައި ދިރިއުޅުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކުރިމަތިވާ އުނދަގޫތަކާ ކަމަށާއި، އެ ގޮތުން މަގުތަކުގެ ކާނުތައް ސާފު ނުކޮށްހުރުމުން، މާލޭގެ މަގުތަކުގައި ފެންބޮޑުވުން އެއީ، ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
ނަމަވެސް، ކާނުތައް ސާފުކުރުމަށް ފެށި ޚާއްޞަ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގޮސް، މިހާރު ނިމުމަކާ ކައިރިވެފައިވުމުން، ވާރޭވެހޭ ކޮންމެ ފަހަކު، ކުރިން މާލޭގެ މަގުތަކުގައި ފެންބޮޑުވާ ގޮތަށް މިހާރު ފެން ބޮޑު ނުވާނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީގެ މަސައްކަތާ ޙަވާލުވިއިރު، ރައްޓެހިންނާއި ދަންނަ މީހުންނާ އަދި ނުދަންނަ މީހުންގެ ފަރާތުން ވެސް، އޮހެމުން ދިޔައީ މުޅިންހެން ޝަކުވާ ކަމަށާއި އަދި ބަލަމުން އައީ ޝައުޤުވެރިކަމެއް ނެތި، ވައްކަޅިން ކަމަށާއި މާލެ ސިޓީ ކައުންސިލުގެ، މަސައްކަތްތަކާއި ޚިދުމަތްތަކާ މެދު، ކުރަމުންދިޔައީ ނާއުންމީދީ ތަޞައްވުރެއް ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މި ދައުރުގެ އެންމެ ފަހު އަހަރުގެ ފުރަތަމަ ހަމަސް ނިމިގެންދާއިރު، ރައްޔިތުންނާ ގާތުން ޚިދުމަތްތަކެއް ފޯރުކޮށްދެވިފައިވާ ކަމުގެ، ހިތްހަމަޖެހުމާއި އެފަދަ އުފާވެރި ޝުޢޫރުތައް، މިއަދު ރައްޔިތުންގެ ފަރާތުން ލިބެމުންދިއުމަކީ ނުހަނު އުފާކުރާކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެންމެންގެ މަސައްކަތުން، ކުރީގެ ނާއުއްމީދީ ތަޞައްވުރު މިހާރު އުއްމީދީ ތަޞައްވުރަކަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.