Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ހިޔާ ޓަވަރު 13 އިން 30 މިނިޓަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހިޔާ ފްލެޓް ސަރަހައްދު-- ފޮޓޯ: މުހައްމަދު އަފްރާހް

މުހިންމު މަސައްކަތްތަކެއް ކުރާތީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ 13 ވަނަ ޓަވަރުގެ ކޮންމެ އެޕާޓްމެންޓަކުން މިއަދު 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ބަހާލައިގެން ކުރުމަށް ތާވަލުކުރެވިފައިވެއެވެ. މި ގޮތުން، ހިޔާގެ 13 ވަނަ ޓަވަރުގައި މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިއަދު، 27 އެޕްރީލް 2025 ވާ އާދީއްތަ ދުވަހުއެވެ.

ސްޓެލްކޯއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މަސައްކަތް ކުރިއަށް ގެންދާ ވަގުތު އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ އަންގާފައެވެ.

މި މަސައްކަތަކީ ހިޔާ ޓަވަރުތަކުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެކެވެ. ސްޓެލްކޯއިން ވަނީ މި މަސައްކަތުގެ ސަބަބުން ދިމާވެދާނެ އުނދަގޫތަކަށް މަޢާފަށް އެދިފައިވެއެވެ.