މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި ސްރީ ލަންކާ އަކީ އިތުބާރު ހިފޭ ގައުމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އެ ގައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އަވައްޓެރި ލަން ކާއަކީ މަސްވެރިކަމުގެ ތަރައްގީ އާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި، ޚާއްޞަކޮށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގައި ރާއްޖެއާ ގާތް އަދި ދިގު މުއްދަތެއް ވަންދެން އެކުގައި މަސައްކަތްކޮށް އިތުބާރުހިފޭ ބައިވެރިއެއްގެ ގޮތުގައި އޮތް ގައުމެއް ކަމަށެވެ.
ޝިޔާމު ވިދާޅުވީ ދެ ގައުމު ގުޅިގެން މި ސަރަހައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް މަސައްކަތްކޮށް، އަދި މި ސަރަޙައްދުގެ ޤައުމުތަކުގެ މަަޞްލަޙަތުތަކަށް ވަކާލާތު ވެސް ކޮށްފައިވާ ކަމަށެވެ.
އޭނަ ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ސަރަޙައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގައި ވެސް ވަރުގަދަ ގުޅުމެއް އޮންނަ ކަމަށެވެ. އަދި މެރިކަލްޗަރ ދާއިރާ އާއި ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ ތަރައްޤީ ފަދަ އައު ދާއިރާތަކުގައި ގުޅިގެން ކުރިއަށް ދިއުމަށް ޝައުޤުވެރިކަން ހުރި ކަމަށް ވެސް ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ ދެމެހެއްޓެނިވި އަދި ރައްކާތެރި އިންޑިއާ ކަނޑުގެ ކުރިއެރުވުމަށްޓަކައި ލަންކާއާ އެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ދާނެ ކަމަށް އުންމީދު ވެސް ކުރައްވާ ކަމަށެވެ.