Last Updated: August 2, 11:51
Saturday, August 2, 2025
މީހުން

އެންމެ އަތްދިގު ހެދުން ފަހައިގެން ރެކޯޑެއް

އެންމެ އަތްދިގު ހެދުން ފަހައިގެން ނައިޖީރިއާގެ ފިރިހެން ފެޝަން ޑިޒައިނަރަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

ސެމުއެލް ޗިނިޗެރެމް އެޒޭ، 27، ރެކޯޑް ހެދި ނޫ ކުލައިގެ ޖުއްބާގެ އަތުގެ ދިގުމިނަކީ 51.2 މީޓަރު (167.97 ފޫޓް) އެވެ.

ސީދާ ރެކޯޑެއް ހެދުމުގެ އަމާޒުގައި ސެމުއެލް ކުރި މި މަސައްކަތުން އޭނަ އަށް މިހާރު ވަނީ އެންމެ ދިގުއަތް އެކުލެވޭ ހެދުމުގެ ރެކޯޑް ވެސް ރަސްމީކޮށް ގިނިސް ވޯލްޑް ރެކޯޑުން ދީފަ އެވެ. ސެމުއެލް ފެޝަން ޑިޒައިނަޒަރެއްގެ ގޮތުގައި މަސަައްކަތް ކުރަމުން އަންނަ އިރު، އޭނަ އަކީ ނައިޖީރިއާގެ ޔުނިވަސިޓީއެއްގައި ތައުލީމު ވެސް ހާސިލު ކުރަމުން އަންނަ ޒުވާނެކެވެ.

އެންމެ ދިގުއަތް އެކުލެވޭ ހެދުމުގެ ރެކޯޑް ލިބުމާ ގުޅިގެން ސެމުއެލް ބުނީ މިއީ ވަރަށް ބޮޑު ކާމީޔާއެއް ކަމަށް ދެކޭ ކަމަށެެވެ. އަދި އޭނަގެ މި މަސައްކަތް ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިލަން ދާން ޓުއާއަކަށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.

ސެމުއެލް ކިޔައިދިން ގޮތުގައި ރެކޯޑް ހަދަން ކުރި މަސައްކަތަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު މިއީ ހަތަރު ގަޑިއިރުގެ މަސައްކަތް ކަމަށް ބުންޏެވެ.

"މި ހެދުން ފެހުމުގެ ތެރޭގައި އަމިއްލަ ފަހާފޮއްޓަށް އެތައް މައްސަލައެއް ދިމާވެ، އެތަނެއް ތިނޯހެއް ބިންދައިގެން ދިޔަ." ސެމުއެލް ބުންޏެވެ.

އޭނަ ބުނީ މި ރެކޯޑް ހެދި ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ ވެސް އެކީގައި ކަމަށެވެ. އެހެންވެ އެ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

"އެގޮތުން މިއީ ވަރަށް ގިނަ ބައެއްގެ ސްޕޮންސައާ ވެސް އެކު ކުރެވުނު ވަރަށް ކާމިޔާބު މަސައްކަތެއް." ސެމުއެލް ބުންޏެވެ.

ރެކޯޑާ އެކު މި ޒުވާނާގެ އުންމީދަކީ ދުނިޔޭގައި ނަން ހިނގާ މަޝްހޫރު ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ކެރިއަރު ބިނާކުރުމެވެ. އެގޮތުން ރެކޯޑް ފޮތަށް ނަން ނެރުމަކީ ވެސް އެތައް ބަޔަކަށް މިހާރު އޭނަ އެނގިގެން ދާނެ ކަމެއް ކަމަށް ސާނަވީ އަށް ކިޔެވި ދުވަސްވަރު ފަހަން ފެށި ސެމުއެލް ބުންޏެވެ.

އޭނަ ވަނީ 2020 ގައި އަމިއްލަ ކްލޯތިން ބްރޭންޑެއް ވެސް ލޯންޗްކޮށްފަ އެވެ. އެއީ 'އިކޯ ކަލެކްޝަން ވޯލްޑް އޮފް ބިއުޓީ' އެވެ.

"އުންމީދަކީ ވަރަށް މުއްސަނދި ނުފޫޒު ގަދަ ފެޝަން ޑިޒައިނަރަކަށް ވާން." ސެމުއެލް ބުންޏެވެ.