Last Updated: August 2, 13:27
Saturday, August 2, 2025
ޚަބަރު

އިތުރު 5 އަތޮޅެއްގައި އާރްޓީއެލް ފެރީ ފަށަނީ

ރާއްޖެ ޓްރާންޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް އިތުރު ފަސް އަތޮޅެއްގައި ފަށަން ތައްޔާރީތައްވަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން އެއީ ޒޯން ހަތަރެއްގައި ހިމެނޭ މ، ފ، ދ، ތ އަދި ލ. އަތޮޅެވެ.

މި އަތޮޅުތަކުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައްވަމުން އަންނަ ހިދުމަތް ފަށާނެ ވަކި ޓައިމްލައިންތަކެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އަމާޒަކީ ވީހާ ވެސް އަވަހަށް ޒޯން ހަތަރެކަށް ހިދުމަތް ފެށުން ކަމަށް ބުންޏެވެ.

ފެރީގެ ހިދުމަތް އެންމެ ފަހުން ފެށީ މި މަހުގެ 28 ގައި ބ. އަތޮޅުގަ އެވެ. ދެހާސް ބާވީހުގައި ތައާރަފުކުރި އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު 11 އަތޮޅެއްގެ 110 ރަށެއްގައި ލިބެމުން ދެ އެވެ.

ޒޯން ހަތަރެއްގައި ހިމެނޭ އަތޮޅުތަކަށް ހިދުމަތް ފެށުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، ހިދުމަތް މިހާރު ފަށާފައި އޮތީ ހަތަރު ޒޯނެއްގަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ނިޔަލަށް އާރްޓީއެލް ފެރީގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރެވޭނެ އެވެ. އާރްޓީއެލްގެ ދަށުން އަންނަނީ ބައެއް ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.