ކުރިން މި މަހު ރިލީޒްކުރާ ގޮތަށް ޕްލޭންކުރި، ބޮލީވުޑްގެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ޖާންވީ ކަޕޫރް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ޕަރަމް ސުންދަރީ" އަށް ތާރީހެއް ހަމަޖައްސައިފި އެވެ.
މި އަހަރުގެ މިހާތަނަށް ބޮލީވުޑުން ގެނެސްދިން އެންމެ ބޮޑު ހިޓް ކަމަށްވާ ވިކީ ކޯޝަލްގެ "ޗާވާ" ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ ރޮމޭންޓިކް ކޮމެޑީ "ޕަރަމް ސުންދަރީ" މިހާރު ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކުރީ އަންނަ މަހުގެ 29 ގަ އެވެ.
ކުރިން މި މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ޕްލޭންކުރި ފިލްމު މެޑޮކް އިން ފަސްކުރީ މި މަހުގެ 18 ގައި ރިލީޒްކުރި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމު "ސައްޔާރާ" ގެ ޖާދޫގައި ގިނަ ބަޔަކު ޖެހުމާ ގުޅިގެންނެވެ. އާ ތަރިންތަކެއްގެ އެ ފިލްމަށް އަދިވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
"ސައްޔާރާ" ގެ ބޮޑު ތަރުހީބާ ގުޅިގެން ފަސްކުރި ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ "ސަން އޮފް ސަރުދާރު 2" ވެސް ހިމެނެ އެވެ. ކުރިން މި މަހުގެ 25 ގައި ރިލީޒްކުރަން ނިންމި ފިލްމު، މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ މަހުގެ 1 ގަ އެވެ.
ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ "ޕަރަމް ސުންދަރީ" ގެ އާ ތާރީހު އިއުލާންކޮށް، މެޑޮކް އިން ވަނީ ފިލްމުގެ ލަވައެއް ވެސް އާންމުކޮށްފަ އެވެ. މި ފިލްމު ޑައިރެކްޓްކުރި އެ ސްޓޫޑިއޯގެ 2021 ގެ "ދާސްވީ" ގެނެސްދިން ތުޝާރް ޖަލޯޓާ އެވެެ.
"ޕަރަމް ސުންދަރީ" އަންނަ މަހު ސިނަމާތަކަށް ދޫކޮށްލަން ނިންމި އިރު، ސިދާތުގެ އަންހެނުން ކިއާރާ އަދުވާނީގެ "ވޯ 2" މި މަހުގެ 14 ގައި ސިނަމާތަކަށް ގެންނާނެ އެވެ. ރިތިކް ރޯޝަނާއި އެންޓީއާރް ޖޫނިއާ ބަތަލުގެ ރޯލު ކުޅެފައިވާ އެ ސްޕައި ތުރިލާ އަކީ ވައިއާރްއެފަށް އަޔާން މުކަރްޖީ ޑައިރެކްޓްކުރި ފިލްމެކެވެ.