ސޯޝަލް މީޑިއާގެ ސަބަބުން ކުދިންނަށް ލިބެމުންދާ ގެއްލުންތަކުން އެ ކުދިން ރައްކާތެރި ކުރަން އޮސްޓްރޭލިއާ އިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ދަށުން އެ ގައުމުގެ 16 އަހަރުން ދަށަށް ޔޫޓިއުބް ވެސް މަނާކުރަން ނިންމައިފި އެވެ.
އަންނަ ޑިސެމްބަރުން ފެށިގެން ފޭސްބުކާއި އިންސްޓަގްރާމާއި ޓިކްޓޮކާއި ސްނެޕްޗެޓްގެ އިތުރުން އެކްސް ވެސް އެ އުމުރުފުރަ އަށް މަނާ ކުރަން އޮތީ ނިންމައިފަ އެވެ.
އޮސްޓްރޭލިއާ އިން މިހާރު ވަނީ އެ ލިސްޓަށް ޔޫޓިއުބް ވެސް އިތުރުކޮށްފަ އެވެ.
އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޔޫޓިއުބް ވީޑިއޯތައް ބެލުމުގެ ފުރުސަތު 16 އަހަރުން ދަށުގެ ކުދިންނަށް އޮތަސް އެ އުމުރުފުރާގެ ކުދިންނަށް ޔޫޓިއުބް އެކައުންޓްތައް ހެދުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އޮސްޓްރޭލިއާގެ މި ނިންމުމާ ގުޅިގެން ޔޫޓިއުބް ހިންގާ، ގޫގުލް އިން ވަނީ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ޔޫޓިއުބަކީ ކުޑަކުދިންނަށް ވަރަށް ވެސް ގިނަ ފައިދާ ހުރި، އިލްމީ ކޮންޓެންޓް ވެސް ގެނެސްދޭ އެއްޗެއް ކަމަށެވެ. އަދި އެއީ "ސޯޝަލް މީޑިއާ ޕްލެޓްފޯމް ނޫން" ކަމަށް ވެސް ގޫގުލް އިން ބުންޏެވެ.
އެހެންވެ އެ މަނާ ކުރުމަކީ ރަނގަޅު ފިޔަވަޅެއް ނޫން ކަމަށް ބުންޏެވެ.
ޑިސެމްބަރުން ފެށިގެން ސޯޝަލް މީޑިއާގެ މައިގަނޑު ގިނަ ޕްލެޓްފޯމްތަކެއް އޮސްޓްރޭލިއާގެ 16 އަހަރުން ދަށަށް މަނާކުރަން ނިންމި ނިންމުން ތަންފީޒު ކުރަން ފަށާތީ، އެ އުސޫލަށް އަމަލުނުކުރާ ކުންފުނިތައް 32.5 މިލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ވެސް ކޮށް، އެ ކުންފުނިތަކުގެ މަސައްކަތްތަކަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް ވެސް އަޅާނެ އެވެ.