Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ލިންކް ރޯޑްގެ ވަޅުގަނޑުތައް މަރާމާތު ކުރުން ކުރިއަށް

އައްޑޫ ލިންކް ރޯޑްގައި ހެދިފައިވާ ވަޅުގަނޑުތަކަށް ތާރު އަޅައިގެން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ލޯކަލް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރިއަށް ގެންދަނީ އެ މިނިސްޓްރީގެ ހިތަދޫ ޕަބްލިކް ވޯކްސް ޔުނިޓްގެ ފަރާތުން ކަމަށެވެ.

އައްޑޫ ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެ މަގުގައި ގިނަ އަދަދެއްގެ ވަޅުގަނޑުތައް ހެދިފައިވާތީ މަގު ބޭނުން ކުރަން ވަރަށް ބޮޑަށް ދަތިވެފައިވެ އެވެ. މިފަދަ ވަޅުގަނޑުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގުމާއި އަދި ވާރޭ ވެހޭ ދުވަސްތަކުގައި ވަޅުގަނޑުތަކުގައި ފެން ހެދި އޭގެ ސަބަބުން ވެސް ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވެފައިވެ އެވެ.

ދާދި ފަހުން އައްޑޫ ސިޓީ ކައުންސިލުން ވެސް 50 ޓަނުގެ ތާރު ގެނެސް ވަޅުގަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ މި މަގު އަލުން ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީން އޮތީ މިދިޔަ އޭޕްރީލް މަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް އަންނަނީ ތައްޔާރީތައްވަމުންނެވެ.