Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މަރާލި ޒުވާނާގެ އޮޓޮޕްސީ ހަދަނީ

ލ. މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ނިންމައިފިި އެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަރަށް ވަޅިއަކުން ދިން ހަމަލާއެއްގައި މަރާލާފައި ވަނީ މާވަށު، ނަލަހިޔާ، މޫސާ އިބްރާހީމް، 29، އެވެ.

ފުލުހުން މިއަދު ބުނީ އޭނަގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ތަހުގީގު ނިންމައި، ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މޫސަ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ.

ޝަރީއަތް ނިމެންދެން އޭނަ ބަންދުކޮށްފައިވާ އިރު، ފުލުހުން ބުނެފައި ވަނީ މޫސަ އަށް މުހައްމަދު ހަމަލާ ދިނީ ދެ މީހުންގެ މެދުގައި ހިނގި މާރާމާރީއެެއްގައި ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޫސަ އަށް މުހައްމަދު ހަމަލާ ދިނީ އޭނަ ވިއްކި މަސްތުވާތަކެއްޗަށް ދޭން ޖެހޭ ފައިސާ ނުދީގެން ދެ މީހުންގެ މެދުގައި ހިނގި އަރާރުމަކަށް ފަހު އެވެ.