އަންނަ މަހު ސިނަމާތަކަށް ގެންނަން ތައްޔާރުވަމުން އަންނަ ފިލްމު "ވޯ 2" ގެ ލަވަކުން ރިތިކް ރޯޝަނާއި ކިއާރާ އަދުވާނީގެ ހިތްގައިމު ކެމިސްޓްރީ ދައްކާލައިފި އެވެ.
ސްޕެއިންގެ ހިތްގައިމު މަންޒަރުތަކެއްގައި ދެ ތަރިންގެ ނެށުންތަކާ އެކު ގެނެސްދިން ލަވައިގެ ނަމަކީ 'އާވަން ޖާވަން' އެވެ. ޕްރިތަމްގެ މިއުޒިކަށް މި ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އެވެ. "ވޯ 2" އަކީ ރިތިކާއި ކިއާރާ އެކީގައި ފެންނަ ފުރަތަމަ ފިލްމަށްވާތީ، ދެ ތަރިންގެ ކެމިސްޓްރީ ބޮޑު ސްކްރީނުން ތަޖުރިބާކޮށްލަން ގިނަ ފޭނުންތަކެއް އިންތިޒާރު ކުރަމުން އަންނަ އިރު، ޔަގީނުން ވެސް މި ލަވަ ވާނީ ވަރަށް ވެސް ހާއްސަ އެއްޗަކަށެވެ.
އަންނަ މަހުގެ 14 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ވޯ 2" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ފިލްމެކެވެ. އަދި މިއީ ރިތިކްގެ 2019 ގެ "ވޯ" ގެ ސީކްއެލް އެވެ.
އަޔާން މުކަރްޖީ ޑައިރެކްޓްކުރި "ވޯ 2" އިން މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ ވެސް ފެންނާނެ އެވެ.