ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، ބާސްކެޓްބޯޅަ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ތަމްރީނުތަކަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް ބީއެމްއެލްއިން އެހީތެރިވެދޭނެ އެވެ. މިއެރީނާ ވެގެންދާނީ ގައުމީ ބާސްކެޓް ބޯޅަ ޓީމާއި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ޕްރެކްޓިސް އަށް ޚާއްސަކުރެވިފައިވާ ތަނަކަށެވެ.
އަދި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ދެ މުބާރާތް ކަމުގައިވާ ނެޝަނަލް ބާސްކެޓްބޯލް ލީގާއި ނެޝަނަލް 3 އޮން 3 ލީގަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްގީގުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ބޭންކެއްގެ ހައިސިއްޔަތުން، ރާއްޖޭގައި މަގުބޫލުކަން އިތުރުވަމުންދާ ކުޅިވަރެއް ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންއާއެކު އެއްބަސްވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
"މި އެއްބަސްވުމުން ދައްކުވައިދެނީ ރާއްޖޭގައި ކުޅިވަރުގެ ހުނަރު ހަރުދަނާކޮށް، ހުނަރުވެރި ކުޅުންތެރިން ކުރެއެރުވުމަށް ބޭންކުންދޭ އަހުމިއްޔަތުކަން. އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ބާސްކެޓްބޯޅަ ކުޅުންތެރިން މުޅިން އާ ހަރުފަތަކަށް ދިޔުން." ޝަރީފް ވިދާޅުވި އެވެ.
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ ބާސްކެޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން އިތުރަށް ކުރިއެރުވުމަށް ބީއެމްއެލްއާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ބީއެމްއެލް ފާހަގަކުރެވެނީ ރާއްޖޭގައި އެކި ކުޅިވަރު ކުރިއަރުވައި، އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކެއްގެ ގޮތުގައި ކަމަށާއި މި އެއްބަސްވުމާއެކު އެތުލީޓުންނަށްވެސް އިތުރަށް ފުރުސަތުތައް ފަހިވެ، އިތުރު ކާމިޔާބީތައް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އާދަމް ވިދާޅުވި އެވެ.