Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ އިގްތިސާދު ފުނޑިފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބާޒާރުގައި ތަކެތީގެ އަގު އުފުލެން ފަށާފައިވާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އާފަލެއްގެ އަގު 10 ރުފިޔާއަށް އަދި ފިޔާ ކިލޯއެއްގެ އަގު 50 ރުފިޔާއަށްވުރެ މަތިވިއިރު ކާބޯތަކެއްޗަށް ދަތިވެއްޖެ ކަމަށެވެ. ބޭސް ނުލިބޭއިރު ޒަރޫރީ މުދަލުގެ އަގުތައް ވެސް އުފުލިއްޖެ ކަމަށާއި ޑޮލަރުގެ އަގު ހުރީ 20.20 ރުފިޔާއިން މަތީގައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެއްޖެ. ސަރުކާރުން ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް އަރައިފި. ރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މި ހާލަތަށް ދިޔައިރުވެސް ގާނޫނު އަސާސީން މަނިޓަރީ ސިޔާސަތު މަތިކޮށްފައިވާ މަރުކަޒީ ބޭންކުގެ ބަހެއް ނެތް ކަމަށެވެ. އަދި މިކަންކަމާ ކަންބޮޑުވެ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްއިން ލިޔުމުން ބައްދަލުކުރަން އެދުމުން ބައްދަލުވާނެ ގޮތެއް ނުވި ކަމަށާއި ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގައުމުގެ ހާލަތު ސާފުކުރަން މަސައްކަތް ކުރެއްވުމުން ފިއްލެވީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެ ގޮތުން، އެމްއެމްއޭއިން ޖަވާބު ނުދޭއިރު ރައްޔިތުންނަށް ކުރީ ބޮޑު މަލާމާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، މިއީ ރައްޔިތުންގެ ހާލަތު ދަންނަ އަދި އެކަން ބަލަން ބޭނުން ސަރުކާރެއް ވެސް ނޫން ކަމަށެވެ. ކޮންމެހެން އަސާސީ ބޭނުންތަކުގެ އަގު މައްޗަށް ދިޔައީކީ ނޫން ކަމަށާއި ރުފިޔާގެ އަގު ދަށަށް ދިޔައީ ކަމަށް ވިދާޅުވި އެވެ. އަދި، ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އަދިވެސް ދުވަހެއް ދުވަހަކަށް ދަށަށް ދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.