ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ސަލްޓަން ޕާކުގައި ގަހެއް އިންދަވައިފި އެވެ.
ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އަރިހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް ޑިސަނާޔަކެ، އިންދެވީ މޫނިމާ ގަހެކެވެ.
މި ހަރަކާތަކީ ދެޤައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ޤައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ، ރާއްޖޭގެ ރަށްރަށުގެ ރީތިކަން އިތުރުކުރުމާއި، ވައިގެ ފެންވަރު ރަނގަޅުކުރުމާއި، އަދި ތިމާވެށީގެ ހަމަހަމަކަން ދެމެހެއްޓުމަށް ކުރިއަށް ގެންދާ ގައުމީ ބޮޑު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ތަފާތު ރަށްރަށުގައި ގަސް އިންދުމުގެ ޙަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.