ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑައިރެކްޓަރަކަށް ހުރި އަހްމަދު ޒުހައިރު އައްޔަންކުރައްވައިފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު އިސްތިއުފާ ދެއްވުމުންނެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ އެޗްޑީސީގެ އެމްޑީގެ މަގާމަށް ޒުހެއިރު އަދި އާރްޑީސީގެ އެމްޑީގެ މަގާމަށް އިބްރާހިމް ނަޒީމް އައްޔަންކޮށްފައިވާ ކަމަށެވެ. ނަޒީމް މިހާތަނަށް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވި ޒުހެއިރު ވަނީ ސިފައިންގެއަށް 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ. ކޯސްޓްގާޑްގެ ކޮމާންޑަރުގެ އިތުރުން ސިފައިން ވެލްފައާ ކޮމްޕެނީ (ސިވެކް)ގެ ޗެއާމަނެވެ.
މައުރޫފް އެޗްޑީސީގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި އިރު، އޭނަ ރިޓަޔާކުރައްވަން އުޅުއްވާކަން ދާދި ފަހުން ކުންފުނީގެ މުވައްޒަފުންނާ ހިއްސާކުރައްވާފައިވެ އެވެ.
ކުރިން ވެސް އެޗްޑީސީގެ އިސް މަގާމުތަކެއް ފުރުއްވި މައުރޫފަކީ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.