Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ފުލުހެއްގެ ފަރާތުން އެހީވުމުގެ ރީތި މަންޒަރެއް!

ފުލުހުންނަކީ އަބަދު ވެސް ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ތިބޭ ބައެކެވެ. އެހެންވެ އެ ޒިންމާ ވީ އެންމެ ފުރިހަމަ އަށް އަދާކުރެވޭތޯ ފުލުހުންނަށް އަބަދު ވެސް ވެރިން ނަސޭހަތް ވެސް ދެ އެވެ.

ފުލުހުންގެ މައިގަނޑު އެއް މޮޓޯ އަކީ ވެސް މިހާރު ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމެވެ. ހާއްސަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި ކަންކަމުގަ އެވެ.

އެކަމަކު މި ފަހަރު ދައްކައިލަން މި އުޅެނީ ފުލުހެއްގެ ވާހަކަ ތަފާތުކޮށެވެ. ފޮޓޯތަކެއްގައި އެ ފެންނަނީ އާންމުންގެ މީހެއްގެ ސާމާނުތަކެއް ގެންދިއުމުގައި ފުލުހަކު ވަރަށް އުފަލާއި ހިނިތުންވުމާ އެކު އެހީވާތަނެވެ. މިއީ މިއަދު ހަވީރު ހުޅުމާލޭ ފޭސް ދޭއްގެ ފުލުހުންގެ ޕޭޖްގައި ޕޯސްޓްކޮށްފައިވާ ފޮޓޯތަކެކެވެ.

އެ ފޮޓޯތަކާ އެކު ޕޯސްޓްގައި ބުނެފައި ވަނީ ފޮޓޯތަކުގައި ފެންނަނީ އާންމުންގެ މީހެއްގެ ސާމާނު އެ މީހާގެ އެޕާޓްމަންޓަށް ގެންގޮސް ދޭން ސަބް އިންސްޕެކްޓަރު ހުސައިން އަބްދުﷲ އެހީވާ މަންޒަރު ކަމަށެވެ. މިކަމުން ދައްކުވައި ދެނީ އާންމުންނަށް ހިދުމަތް ކުރުމުގައި ފުލުހެއްގެ ހުރި ރޫހު ކަމަށް ވެސް ޕޯސްޓްގައި ފާހަގަކޮށްފައިވެ އެވެ.

އެ ފޮޓޯތައް ނެގި މީހާ ޕޯސްޓްގައި ފުލުހުން ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.