ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރަން އެމެރިކާއާއެކު ރާއްޖެއިން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮންއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެ މަޝްވަރާތަކާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ދީފައެއް ނުވެ އެވެ.
މިފަދަ ބައްދަލުވުމެއް ބާއްވާފައިވާއިރު މިދިޔަ އަހަރުގެ ޖުލައި މަހު މިނިސްޓަރު ސައީދު ވަނީ އެމެރިކާ އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.
އެ ދަތުރުފުޅުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތައް ކުރައްވާފައިވެ އެވެ. އަދި ސަރުކާރުގެ އިގްތިސާދީ ތަސައްވަރު ހުށަހަޅައި އެކަމަށް އެމެރިކާ ސަރުކާރުގެ އެއްބާރުލުމަށް އެދިފައިވެ އެވެ.
މި ސަރުކާރުން ރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ހާރިޖީ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.