Last Updated: August 1, 21:08
Friday, August 1, 2025
ޚަބަރު

ގާޒާގެ ކުދިން މަރުވާތަން ބަލަން ނުތިބޭ، އެހީ ފޯރުކޮށްދީ

ފަލަސްތީނުގެ ގާޒާއަށް އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ގާޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެން ނުވާނެ ކަމަށާއި ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކާއި ރެޑްކްރެސެންޓް ޖަމާޢަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށް ޝަހީމް ގޮވާލެއްވި އެވެ.

"އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

ގާޒާއަށް ކާނާ އާއި އެހެނިހެން ތަކެތި ވެއްދުމަށް އިޒްރޭލުން ހުރަސް އެޅުމުން މިދިޔަ މާޗު މަހު ގާޒާއިން ކާނާގެ ތަކެތި ވަނީ ހުސްވެފަ އެވެ. މިދިޔަ މޭ މަހުން ފެށިގެން ގާޒާއަށް ކާނާ އާއި އެހީގެ ތަކެތި ވެއްދުމަށް އިޒްރޭލުން ކޮންމެވެސް ވަރެއްގެ ހުއްދައެއް ދީފައިވާއިރު، އެ ތަކެތި ބެހުން ކުރިއަށް ގެންދަނީ އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން ނަމަކަށް ކިޔާ ޖަމާއަތެއް މެދުވެރިކޮށެވެ.

އެހީގެ ތަކެތި ބެހުމުގެ ކަންކަން ކުރިއަށްގެންދާ ސައިޓުތަކުގައި އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި މިހާތަނަށް 1،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ މަރުވެފަ އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 60،034 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އަދި 147 މީހަކު ކާނާ ނުލިބިގެން މަރުވެފައިވާއިރު އޭގެތެރޭގައި 88 ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.