Last Updated: July 31, 23:36
Thursday, July 31, 2025
ޚަބަރު

ގާޒާގެ ހާލަތު ނިމުމަކަށް ގެންނަން އިތުރު ފިޔަވަޅު އަޅަންޖެހޭ

ފަލަސްތީނުގެ ގާޒާގެ ހާލަތު ނިމުމަކަށް ގެންނަން އިތުރު ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ރާއްޖެއިން މިކަމަށް ގޮވާލީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ކުރިއަށްދާ ހައި-ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޯ ދަ ޕީސްފުލް ސެޓަލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދަ އިޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް-ސޮލިއުޝަން ގައި އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ދެއްވި ތަގުރީރުގަ އެވެ.

އެ ތަޤްރީރުގައި ވަނީ ފަލަސްޠީނުގައި އިސްރާއިލް އިން ގަސްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އަދި ޤަތުލު ޢާންމު ނިންމުމަކަށް ގެނެއުމަށް ޑިޕްލޮމެސީ އާއި މަލްޓިލޭޓަރަލިޒަމްގެ އުޞޫލުތައް އިސްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފަ އެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާ، މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްގު ބަލައިގަނެ، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން އިން ދަ ނިއަރ އީސްޓް (އަންރުވާ) އިން ފޯރުކޮށްދޭ އެހީތެރިކަން ދެމިއޮތްކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން އަރަބް ރީކޮންސްޓްރަކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން، ވީ މިންވަރަކުން ރާއްޖެ އިން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަމުގައި ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރި އެ މަޖިލީހުގެ ޤަރާރަކުން ލާޒިމުކުރި މި ކޮންފަރެންސްގެ މަޤްޞަދަކީ ކުއެސްޝަން އޮފް ޕަލަސްޓައިން އާއި ޓޫ ސްޓޭޓް-ސޮލިއުޝަންއާ ގުޅިގެން އ.ދ. އިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރަމަށް ބާރުއެޅުމެވެ. މި ކޮންފަރެންސް ޗެއާ ކުރައްވަނީ ފްރާންސް އަދި ސަޢުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުންނެވެ.

މެދު އިރުމަތީގެ ހާލަތު ގޯސްވުމާ ގުޅިގެން މި ކޮންފަރެންސް ވަނީ ޖޫން މަހުގެ މެދުކަނޑާލާފަ އެވެ. ތިން ދުވަހުގެ ކޮންފަރެންސް އަލުން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.