Last Updated: July 31, 23:36
Thursday, July 31, 2025
ދުނިޔެ

ކެނެޑާ ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ

ކެނެޑާ އިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފި އެވެ.

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ކެނެޑާ އިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމިކަން އިއުލާންކުރާނެ ކަމަށެވެ.

ކެނެޑާ އިން މި ނިންމުން ނިންމީ ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކެއް ގެންނަން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވައުދުވެފައިވާތީ ކަމަށް ކާނީ ވިދާޅުވި އެވެ. އޭގެތެރޭގައި އަންނަ އަހަރު ފަލަސްތީނުގައި އާންމު އިންތިހާބެއް ބޭއްވުމާއި އަދި އެ އިންތިހާބުގައި ހަމާސް ޖަމާއަތް ބައިވެރި ނުކުރުން ހިމެނެ އެވެ.

ފަލަސްތީނުގެ ދައުލަތް އަންނަ ސެޕްޓެމްބަރު މަހު ބަލައިގަންނާނެކަން ފްރާންސުން ވެސް ދާދިފަހުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި ސުލްހައަށް މަސައްކަތް ނުކުރާނަމަ ފަލަސްތީނުގެ ބަލައިގަންނަން އިނގިރޭސިވިލާތުން ވެސް ވަނީ ނިންމާފަ އެވެ.

އ.ދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެ އެވެ. އޭގެތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނޭއިރު، ސްޕެއިނަކީ އެއް ގައުމެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް ގާޒާ އިން 60،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި 147 މީހަކު ކާނާ ނުލިބިގެން މަރުވެފައިވާއިރު އޭގެތެރޭގައި 88 ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.