Last Updated: July 31, 23:36
Thursday, July 31, 2025
ކުޅިވަރު

ޔުނައިޓެޑުން ސެސްކޯ ގެންނަން މަސައްކަތް ކުރަނީ

މެންޗެސްޓާ ޔުނައިޓެޑުން އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެސްކޯ ގެންނަން މަސައްކަތް ފަށައިފި އެވެ.

މި ޓްރާންސްފާ މާކެޓުގައި ފޯވާޑެއް ގެންނަން ޔުނައިޓެޑުން ހާއްސަ އިސްކަމެއް ދޭއިރު، އެ ކްލަބުން އެންމެ ބޮޑަށް ގެންނަން ބޭނުންވާ ފޯވާޑަކީ ސެސްކޯ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސެސްކޯ ވިއްކާލަން ލައިޕްޒިގުން ކިޔަނީ ގާތްގަނޑަކަށް 70 މިލިއަން ޕައުންޑުގެ އަގެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔުނައިޓެޑުގެ އިތުރުން ސެސްކޯ ގެންނަން ނިއުކާސަލް ޔުނައިޓެޑުން ވެސް ޝައުގުވެރިވެ އެވެ. ނިއުކާސަލުން ސެސްކޯ ގެންނަން މަސައްކަތް ކުރަނީ އެ ކްލަބުގެ ފޯވާޑް އަލެކްސަންޑަ އިސާކް ނިއުކާސަލް ދޫކޮށްލަން ބޭނުންވާތީވެ އެވެ.

ސެސްކޯ ،22، ލައިޕްޒިގާއި ގުޅުނީ 2023 ވަނަ އަހަރު ރެޑްބުލް ސަލްޒްބާގް އިންނެވެ. އޭނާ ވަނީ ލައިޕްޒިގަށް ކުޅެދިން 87 މެޗުގައި 39 ގޯލު ކާމިޔާބުކޮށްފަ އެވެ.

އަންނަ ސީޒަނަށް ސްކޮޑް ވަރުގަދަކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން ޔުނައިޓެޑުން މިހާތަނަށް ވަނީ ދެ ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ވުލްވްސް އަށް ކުޅެމުން އައި މަތިއުސް ކުންޔާ އާއި ބްރެންޓްފޯޑަށް ކުޅެމުން އައި ބްރަޔަން އެމްބުއޭމޯ އެވެ.