މި އަހަރުގެ ދެވަނަ ކުއާޓަރުގައި 3.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯ އަށް ލިބިއްޖެ އެވެ.
އެ ކުންފުނިން އާންމުކުރި ދެވަނަ ކުއާޓާރުގެ ހިސާބުތައް ދައްކާ ގޮތުގައި މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 12 ޕަސެންޓް ދަށްވުމެކެވެ. އަދި ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެސްޓީއޯ އިން ބުނީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާ އެކު ދެވަނަ ކުއާޓަރުގައި ތެލުގެ ޑިމާންޑް ދަށްވުން ކަމަށެވެ.
ކުންފުނީގެ ޖުމްލަ އާމްދަނީ ދަށްވުމާ އެކު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 574 މިލިއަން ރުފިޔާ އެވެ. މިއީ ކުރީގެ ކުއާޓަރާ އަޅާބަލާއިރު ދެ ޕަސެންޓް ދަށްވުމެކެވެ. ނަމަވެސް ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ޖުމްލަ އާމްދަނީ އިތުރު ކަމަށް ހިސާބުތަކުން ދައްކަ އެވެ.
އެސްޓީއޯގެ ޖުމްލަ ފައިދާ ދަށްވުމާއި ނިސްބަތުން ހިންގުމުގެ ހަރަދު އިތުރުވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 236 މިލިއަން ރުފިޔާ އެވެ. މިއީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 11 ޕަސެންޓް ދަށްވުމެކެވެ. ކުންފުނީގެ ހިންގުމުގެ ފައިދާ ދަށްވި ނަމަވެސް ދެވަނަ ކުއާޓަރުގައި އިންވެސްޓްމަންޓް އިންކަމް އިތުރުވުމާ އެކު ނެޓް ފައިނޭންސް ކުޑަކުރެވި ޓެކްހަށް ކެނޑުމުގެ ކުރިން ދެ ވަނަ ކުއާޓަރުގެ ސާފު ފައިދާ އަކީ 198 މިލިއަން ރުފިޔާ އެވެ.
އަދި ޓެކުހަށް ކެނޑުމަށް ފަހު، ދެވަނަ ކުއާޓަރުގެ ސާފު ފައިދާ އަކީ 163 މިލިއަން ރުފިޔާ އެވެ. މިއީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ތިން ޕަސެންޓްގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ސާފު ފައިދާ 15 މިލިއަން އިން އިތުރުވެ، 10 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވެ އެވެ.