މިދިޔަ ޖޫން މަހުން ފެށިގެން އޮލިމްހުގައި ދައްކަމުން އަންނަ ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމު "ސޮރީ" ގެ ޝޯތައް އެ ސިނަމާގައި މިރޭ ނިންމައިލަނީ ވަދާއީ ޝޯ ވެސް ހައުސްފުލްކޮށް ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.
މި ރޭގެ ޝޯ އަކީ ޖޫން 17 ވަނަ ދުވަހުގެ ރޭ އެޅުވި ފިލްމުގެ 50 ވަނަ ޝޯ އެވެ.
ނަހުލާ ބުނެފައިވާ ގޮތުގައި އޮލިމްޕަހުގައި މިހާތަނަށް ދެއްކި "ސޮރީ" ގެ ޝޯތަކުގެ ތެރެއިން ފުލް ނުވަނީ އެންމެ ޝޯއެކެވެ. އެއީ ކުޑަކުދިންނަށް ހާއްސަކޮށްގެން ދުވާލެއްގައި ދެއްކި ޝޯއެކެވެ. އެ ނޫން ހުރިހާ ޝޯއެއް ދެއްކީ އޮލިމްޕަސް ފުލްކޮށް ކަމަށް ކާމިޔާބު ޑައިރެކްޓަރު ބުންޏެވެ.
"ސޮރީ" ގެ ޓީމުން މިއަދު ބުނީ އޮލިމްޕަހުގައި މިރޭ ވަދާއީ ޝޯ ދައްކަން ތައްޔާރުވަމުން އަންނަ އިރު، އަދިވެސް ފިލްމު ބަލަން ގިނަ އަދަދަކަށް ރިކްއެސްޓް ލިބެމުންދާ ކަމަށެވެ. އެހެންވެ ހުޅުމާލޭގެ ޝްވެކް ސިނަމާ އަށް ފިލްމު ގެނެސްފާނެކަމުގެ އިޝާރާތެއް ވެސް ދީފައިވެ އެވެ.
ނަހުލާގެ ސިގްނޭޗާ ޖޯންރާ ކަމަށްވާ ރުއިން ގިނަ އަސަރު ގަދަ ލޯބީގެ ފިލްމެއްގެ ގޮތުގައި ގެނެސްދިން "ސޮރީ" ގެ މައިގަނޑު ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އާއި އަހުމަދު އީސަ (އާނަންދު) އަދި ވާޝިޔާ މުހައްމަދެވެ. މި ތަރިންނާ އެކު ފިލްމުގެ ވަރަށް މުހިއްމު ރޯލުތަކަކުން ކުޑަ ދެ އަންހެން ކުދިން ވެސް ފެންނާނެ އެވެ. އެއީ ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި އޭނަގެ މާމަދަރިއެއް ކަމަށްވާ އެވްލީ އެވެ.
"ސޮރީ" ގެ ކާސްޓުން ޝީލާ ނަޖީބާއި ހުސައިން ސޮބާހާއި އަލީ ޝަމީލް، އައިމިނަތު ރަޝީދާ (އައިންތު) އަދި ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ނިޝާ ވެސް ފެންނާނެ އެވެ.
މި ފިލްމުގެ ޝޯތައް މިރޭ ނިންމައިލާ އިރު، ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނަން އޮތީ އައި ފިލްމްސްގެ "ލޯބިން" އެވެ. އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމު ޕްރީމިއާ ކުރާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ރެ އެވެ. އަދި އަންނަ މަހުގެ 31 ގައި ހުސައިން މުނައްވަރު (ކިޑް) ގެ "ކަނބުލޮ" ވެސް އޮލިމްޕަހަށް ގެންނާނެ އެވެ.