މިދިޔަ ހޯމަ ދުވަހު އަވަހާރަވި ކުރީގެ މިނިސްޓަރު ހަސަން ސޯބިރުގެ ތައުޒިޔާގެ ދަފުތަރަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުގެ މަގާމުގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ސޯބިރު އުމުރުން 74 އަހަރުގައި އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ވަރަށް ގިނަ ދުވަހު ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ސޯބިރުގެ ތައުޒިޔާގެ ދަފުތަރާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ދަފުތަރުގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވައިލީ މިއަދުން ފެށިގެން އަންނަ މަހުގެ 7 އާ ހަމައަށެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށް ވެލާނާގޭގެ 5 ވަނަ ފަންގިފިލާގައި ހުންނަ މި މިނިސްޓްރީގެ އޮފީހުގައި ދަފުތަރުގައި ސޮއި ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ސޯބިރުގެ ތައުޒިޔާގެ ދަފުތަރު އެ މިނިސްޓްރީން ހުޅުވައިލީ ސޯބިރު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ ޓޫރިޒަމް މިނިސްޓްރީގައި ކަމަށްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ސޯބިރު ގައުމަށް ކޮށް ދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވީ މި މަހުގެ 27 ގައި ބޭއްވި މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.