"ޖަޒީރާ" ގެ ނަމުގައި ޓެލަގްރާމްގައި ޗެނަލްތަކެއް ހިިންގައި މަސްތުވާތަކެއްޗާއި ހަށި ވިއްކުމުގެ ވިޔަފާރި އިޝްތިހާރުކުރުމުގެ ތުހުމަތުގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައި ވަނީ ދރ. 12966، އިބްރާހިމް ރަޝީދުގެ މައްޗަށެވެ.
"ޖަޒީރާ" އާއި "ޖަޒީރާ ގާލްސް" އާއި "ޖަޒީރާ އެސްކޯޓު ގެލެރީ" ނަމުގައި ތިން ޗެނަލެއް އުފައްދައިގެން ޗެނަލްތައް އަތުލައިގަނެ ހުއްޓުވާފައިވަނީ މިދިޔަ އަހަރުގެ މާޗް 13 ގަ އެވެ. އެ މައްސަލާގައި އޭނަގެ އިތުރުން ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ އަލީ އާއި ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމް ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ އުފުލީ މިދިޔަ އަހަރުގެ ޖޫން 12 ގަ އެވެ.
ޗެނެލްތައް ހިންގުމުގައި އިސްކޮށް އުޅުނު ރަޝީދުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ހަޑި ހުތުރު އެއްޗެއް ރައްދު ކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި މީހަކު ލައްވާ ހަށި ވިއްކުވުމުގައި އެހީތެރިވެދިނުމުގެ ކުށުގެ ދައުވާގެ އިތުރުން މީހަކު ހަށި ވިއްކައިގެން ލިބޭ އާމްދަނީކަން އެނގި ހުރެ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.
ރަޝީދުގެ މައްޗަށް އޭގެ ތެރެއިން ސާބިތުވެފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި މީހަކު ލައްވާ ހަށި ވިއްކުވުމުގައި އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ. އަދި އނަ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު އިއުތިރާފް އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.
ހަށި ވިއްކުވަން އެހީތެރިވެ ދިނުމުގެ ދައުވާ ސާބިތުވެ އިއްވީ އެއް އަހަރާއި ހަ މަސް ދުވަހުގެ ހުކުމެކެވެ. މަނީ ލޯންޑާކުރިކަން ސާބިތުވެ އިއްވީ ދެ އަހަރާއި ހަ މަސް ދުވަހުގެ ހުކުމެކެވެ. އަދި 462،637.61ރ. އިން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.