ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެޓަމް ބޮން އަޅައި އަޅިއަށް ހެދި ޖަޕާންގެ ހިރޯޝިމާގެ ހާދިސާ އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމާފައިކަން ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ކެމެރޮން އިއުލާންކޮށްފި އެވެ.
މިހާރު އެވަޓާ ގެ ފިލްމުތައް ގެނެސްދެމުން އަންނަ ކުޅަދާނަ ޑައިރެކްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އޭނަގެ އެ ފިލްމު ހަދަން ނިންމާފައި ވަނީ އަންނަ މަހުގެ 5 ގައި ނެރެން ތައްޔާރުވަމުން އަންނަ ފޮތް 'ގޯސްޓްސް އޮފް ހިރޯޝިމާ' އަށް ބިނާކޮށް ކަމަށެވެ.
ލިޔުންތެރިޔާ ޗާލްސް ޕެލެގްރިނޯގެ ފޮތަށް ބިނާކޮށް ފިލްމެއް ހަދާނެކަން އިއުލާންކޮށް ކެމެރޮން ބުނީ މިއީ އޭނަ 1997 ގައި ގެނެސްދިން ފިލްމު "ޓައިޓޭނިކް' އަށް ހާދިސާ އަށް ފަހު ކިޔާލަން ލިބުނު އެންމެ ހިތްދަތި ހަގީގީ ހާދިސާ ކަމަށެވެ. އެހެންވެ ގޯސްޓްސް އޮފް ހިރޯޝިމާ އަށް ބިނާކޮށް ފިލްމެއް ޑައިރެކްޓްކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.
ހިރޯޝިމާ އަށް އޮގަސްޓް 6، 1945 ގައި އެމެރިކާ އިން އެޓަމް ބޮން އެޅި ހާދިސާ އަކީ އިންސާނީ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ހިތާމަވެރި އެއް ހާދިސާ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމު ކެމެރޮން ގެނެސްދޭނީ 2027 ގަ އެވެ. އެކަމަކު މިއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ނުލިބެ އެވެ.
ކެމެތޮންގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެމްބަރު 19 ގައު ރިލީޒް ކުރަން ތާވަލުކޮށްފައި އޮތް 'އެވަޓާ' ތިން ވަނަ ފިލްމު 'އެވަޓާ: ފަޔާ އެންޑް އޭޝް' އެވެ. އެވަޓާ' ގެ ދެވަނަ ބައި 'އެވަޓާ: ދަ ވޭ އޮފް ވޯޓާ ގެނެސްދިނީ 2022 ގަ އެވެ.