އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސް އިން އުމްރާއަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލި މައްސަލައިގައި، އެ ކުންފުނީގެ އުމްރާގެ ހުއްދަ ހިފަހައްޓައި، ޖޫރިމަނާކޮށް، ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށްޓަކައި ފައިސާ ދައްކާފައި ވަނިކޮށް، އެ ގްރޫޕުން އުމްރާއަށް ފުރަން ހަމަޖެހިފައިވާކަން އެންގުމަށްފަހު، މިވަގުތު ސައުދީ އަރަބިއްޔާ އަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށާއި، ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރުކުރަން ކުންފުނިން ބޭނުންނުވާ ކަމަށް ބުނެ އުމްރާ ފަސްކޮށްފައިވާކަން އެންގި ކަމަށެވެ.
އަދި އެ ދަތުރަށް ފައިސާ ދައްކާފައިވާ މީހުން އެކަމުގެ ޝަކުވާތައް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގްރޫޕަށް ހުށަހަޅާފައިވާ އެ މީހުންގެ ޕާސްޕޯޓާއި، މުހިންމު ލިޔެކިޔުންތައް ހޯދުމަށްޓަކައި އެ ގްރޫޕްގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމުގެ ޝަކުވާތައް ވެސް މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ އަސްކޮއިގެއިސްވެރިޔާއާ މި މައްސަލައިފައި މިނިސްޓްރީން މުއާމަލާތްކުރި ކަމަށާއި، ނަމަވެސް މިނިސްޓްރީއަށް ވެސް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.
އެހެންވެ އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ޚިލާފަށް ގްރޫޕުން އަމަލުކޮށްފައިވާތީ، އެ އުސޫލުގެ ދަށުން ކުންފުންޏާމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީން ވަނީ ނިންމައިފައިވާ ކަމަށް ބުންޏެވެ. އެގޮތުން އެ ފިޔަވަޅުތަކަކަކީ އުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމާއި ޖޫރިމަނާކުރުމާއި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުމާއި މި މަހުގެ އުމްރާ ދަތުރަށް ފައިސާ ދެއްކި މީހުންނަށް ރިފަންޑް ދޭން އެންގުމާއި މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅަން ފުލުހަށް ހުށަހެޅުން ހިމެނެ އެވެ.
މިނިސްޓްރީން ބުނީ މި ފިޔަވަޅުތައް ތަންފީޒުކުރުމަށް އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މީގެ ކުރިން ވެސް އަސްކޮއި އިން ދެ ފަހަރެއްގެ މަތިން އުމްރާ އަށް ގެންދަން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ލަނޑު ދީފައިވެ އެވެ. އެގޮތުން އަހަރުގެ މެއި މަހު ވެސް ފެންމަތިވި މިފަދަ މައްސަލައަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ފަހު, އަސްކޮއި 130،000ރ. ން ޖޫރިމަނާކުރި އެވެ.