ހައި ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ދެ ބޭފުޅުން އައްޔަން ކުރަން ތައްޔާރުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ) އިން ބުނީ ހައި ކޯޓަށް އައްޔަން ކުރަން ނިންމީ ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދާއި ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ ކަމަށެވެ.
އެ ދެ ބޭފުޅުން ހައި ކޯޓަށް އައްޔަން ކުރަން ފާސް ކުރީ ޖޭއެސްސީ އިން ރޭ ބޭއްވި ބައްދަލުވުމެއްގަަ އެވެ.
އެ ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި ދެ ބޭފުޅުންގެ ތެރެއިން ޝަހީދަކީ ކުރިން ފަސް އަހަރު ވަންދެން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މި ސަރުކާރުގެ ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުއި ހުންނެވި ޝަހީދު ވަނީ މި މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ޖަމީލަކީ އެކި ކޯޓުތަކުގައި 15 އަހަރު ވަންދެން ފަނޑިޔާރުކަން ކޮށްފައިވާ ބޭފުޅެކެވެ. އޭނަ ފެބްރުއަރީ، 2019، ގައި ސިވިލް ކޯޓްގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތުމަށް ފަހު މަސައްކަތް ކުރެއްވީ ވަކީލެއްގެ ގޮތުގަ އެވެ
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، އެ ކޯޓްގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ ގުޅިގެންނެވެ. އެއީ ހުސައިން ޝަހީދާއި މުހައްމަދު ސަލީމެވެ.
ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވައިލީ މި މަހުގެ 10 ގަ އެވެ. އަދި ސުންގަޑި ހަމަވީ މި މަހުގެ 16 އަށެވެ.