Last Updated: August 2, 14:02
Saturday, August 2, 2025
ޚަބަރު

ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން ހުށަހަޅައިފި

ޑްރޯން ޝޯގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ޑްރޯން ޝޯއަށް ބޭނުންކުރި ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެމްއޭސީއެލް އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް ސޮއިކުރައްވައި، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް ފޮނުވި ސިޓީގައި ބުނީ ޑްރޯން ޝޯގެ އެންމެ ފަހު ފޯމޭޝަންގެ ކުރިން ދިމާވި ކުއްލި މައްސަލައެއްގައި ގިނަ އަދަދެއްގެ ޑްރޯންގެ ސިގްނަލް ގެއްލި، ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ބައެއް ޑްރޯންތައް ބިން މައްޗަށާއި މޫދަށް ވެއްޓި، ބައެއް ޑްރޯންތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އެ ހާދިސާގައި ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށާއި އެމްއޭސީއެލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތުން މިހާތަނަށް ބެލިބެލުމުން މި މައްސަލައަކީ ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރެކުއެންސީއަށް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އިންޓަފިޔާކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ސިޓީގައި ބުންޏެވެ.

މިގޮތަށް ބެލެވެނީ ރަސްމިއްޔާތުގެ ކުރިން ބޭއްވި ޑްރޯން ޝޯގެ ފުލް ރިހާސަލް ކާމިޔާބުކަމާއެކު ބާއްވާފައިވާތީ އާއި ޑްރޯންތަކަށް މައްސަލަ ދިމާވި ވަގުތުގައި ރަސްމިއްޔާތުގެ ކަންކަމުގައި އެއާޕޯޓުގައި މަސައްކަތްކުރި އެހެނިހެން ޓެކްނިކަލް ފަރާތްތަކަށް ވެސް ސިގްނަލް ގެއްލުމާއި ނެޓްވޯކް ގެއްލުން ފަދަ މައްސަލަތައް ދިމާވިކަމަށް މައުލޫމާތު ލިބިފައިވާތީ އާއި ޑްރޯން ޝޯ ނިމުނު ފަހުން ސިސްޓަމް ރީސެޓްކުރި އިރު، ސިސްޓަމަށް އެއްވެސް މައްސަލައެއް ދިމާނުވެ، ރަނގަޅަށް މަސައްކަތް ކޮށްފައިވާކަން ޑްރޯން ޝޯގެ އޮޕަރޭޓަރަށް ފާހަގަވެފައިވާތީ ކަމަށް އެ ސިޓީގައިވެ އެވެ.

"އެހެން ނަމަވެސް، މި ހާދިސާ ހިނގައިދިޔަ ގޮތް އެ ފަރާތްތަކަށް ވެސް އަދި މި ކުންފުންޏަށް ވެސް މިހާތަނަށް އަދި ދެނެގަނެވިފައެއް ނުވެ އެވެ،" އެމްއޭސީއެލްގެ ސިޓީގައި ބުންޏެވެ.

އެ ސިޓީގައި ބުނީ ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށް ލިބުނު ގެއްލުމުގެ މިންވަރު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ ގެއްލުމަކީ އެ ކުންފުނިން ޒިންމާވާން ޖެހިދާނެ ފަދަ ގެއްލުމެއް ކަމަށް ވެއްޖެނަމަ އެކަމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެތީ، މި ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަހުގީގެއްކޮށްދޭން އެމްއޭސީއެލުން ވަނީ އެދިފަ އެވެ.