Last Updated: August 2, 14:02
Saturday, August 2, 2025
ޚަބަރު

އާ ޓާމިނަލުން 2،410 ފަސިންޖަރުންނަށް ހިދުމަތް ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން މިހާތަނަށް 2,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މި 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާއިރު، ޓާމިނަލްގެ އޮޕަރޭޝަންތައް ފަށާފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ހިދުމަތް ދީފައިވަނީ، އެދުވަހު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން, މޯލްޑިވިއަންގެ މަތިންދާބޯޓަށެވެ.

އެމްއޭސީއެލުން ބުނީ އާ ޓާމިނަލުން މިހާތަނަށް މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 2,410 ފަސިންޖަރުންނަށް ވަނީ ހިދުމަތްދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 956 ފަސިންޖަރަކާއި ރާއްޖެ އައި 1,454 ފަސިންޖަރެކެވެ.

ވީއައިއޭގެ ޓާމިނަލް 1 އަށް ބައިނަލްއަގުވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިން ކަމަށާއި އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެން ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް ބަދަލުކުރަމުން ގޮސް, މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.