މޯލްޑިވްސް އިމިގްރޭޝަނުން މިއަދު މާލޭގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅުނު 25 ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސްއިން މިއަދު ހެނދުނު މާލޭގެ ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25 ބިދޭސީއަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ޤާއިމްކޮށްފަ އެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.