Last Updated: August 2, 14:02
Saturday, August 2, 2025
ޚަބަރު

ހަ ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރަން ހަވާލުކޮށްފި

ރާއްޖޭގެ ހަތަރު އަތޮޅެއްގެ ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް، އަމިއްލަ ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ނައިބު އިސްމާއިލް ޒާހިރެވެ.

ހއ. ވަށަފަރާއި ހއ. ތުރާކުނު ސިއްހީ މަރުކަޒު

ހއ. ވަށަފަރާއި ހއ. ތުރާކުނު ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާކެޓިން ޑިރެކްޓަރު މުހައްމަދު އިމާދެވެ.

ހއ. ވަށަފަރު ސިއްހީ މަރުކަޒު

އެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު މި މަސައްކަތުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމެއް، ލެބޯޓްރީއެއް، ނާސް ސްޓޭޝަނެއް، ޕްރޮސީޖާ ރޫމެއް، ގަރާޖެއް އަދި ސްޓޯ ރޫމެއް އިތުރުކުރެވިގެންދާނެ އެވެ.

ހއ. ތުރާކުނު ސިއްހީ މަރުކަޒު

އެ މަސައްކަތަށް 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި މަސައްކަތުގެ ދަށުން އޮފީހެއް، މީޓިން ހޯލެއް، ޕަބްލިކް ހެލްތު އޮފީހެއް، ސްޓޯރެއް އަދި ލޯންޑްރީ ޖާގައެއް އިތުރުކުރެވިގެންދާނެ އެވެ.

ށ. ޅައިމަގު ސިއްހީ މަރުކަޒު

ށ. ޅައިމަގު ސިއްހީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ "އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ އެވެ. އެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އެ މަސައްކަތުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމެއް، ލެބޯޓްރީއެއް، ނާސް ސްޓޭޝަނެއް، ޕްރޮސީޖާ ރޫމެއް، ގަރާޖެއް އަދި ސްޓޯރ ރޫމެއް އިތުރުކުރެވިގެންދާނެ އެވެ.

ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫ ސިއްހީ މަރުކަޒުތައް

ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ "ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" އާ އެވެ.

މަގޫދޫ ސިއްހީ މަރުކަޒުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ. މި މަސައްކަތުގެ ދަށުން ވޯޑަކާއި، ލެބޯޓްރީއެއް، ނާސް ސްޓޭޝަނެއް، ޕްރޮސީޖާ ރޫމެއް، ލޯންޑްރީއެއް އަދި ސްޓޯ ރޫމެއް އިތުރުކުރެވިގެންދާނެ އެވެ.

ބިލެއްދޫ ސިއްހީ މަރުކަޒުގެ މަސައްކަތަށް 4.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ މަސައްކަތުގެ ދަށުން ވޯޑަކާއި، ލެބޯޓްރީއެއް، ނާސް ސްޓޭޝަނެއް، ލޭބާ ރޫމެއް އަދި ސްޓޯ ރޫމެއް އިތުރުކުރެވިގެންދާނެ އެވެ.

މީގެއިތުރުން ދަރަނބޫދޫ ސިއްހީ މަރުކަޒުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި މަސައްކަތުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމެއް، ލެބޯޓްރީއެއް، ނާސް ސްޓޭޝަނެއް، ޕްރޮސީޖާ ރޫމެއް، ގަރާޖެއް އަދި ސްޓޯ ރޫމެއް އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.