ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ މުހައްމަދު ޝަހީދު އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
ކޯޓަށް މައްސަލަ ހުށަހެޅީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދުއާ އެކު ކުރިމަތިލެއްވި ވަކީލް އަހުމަދު ނައުޝާދެވެ.
ނައުޝާދު ކޯޓަށް ހުށަހެޅި މައްސަަލައިގައި ވަނީ ޝަހީދު ސިޔާސީ ކަންކަމުގައި އުޅުއްވާފައިވާތީ އޭނާގެ ނަޒާހަތްތެރިކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް ބުނެފަ އެވެ. އަދި ޝަހީދަށް ވުރެ ގާބިލް ބޭފުޅުން ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައި ވަނިކޮށް އަމިއްލަ ކުންފުންޏެއްގެ ވަކީލެއްގެ ގޮތުގައި އުޅުއްވި ބޭފުޅަކު ފަނޑިޔާރު ކަމަށް އައްޔަންކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ވަނީ ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން ޝަހީދު އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިފަ އެވެ.
ޝަހީދު ވަނީ މި ސަރުކާރުގެ ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު އަދާކޮށްފަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ ތެރޭގަ އެވެ.
މީގެއިތުރުން އޭނާ ވަނީ ޕީޕީއެމް ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ވެސް އަމަލީގޮތުން ބައިވެރިވެފަ އެވެ.