Last Updated: August 2, 14:02
Saturday, August 2, 2025
ޚަބަރު

މަޖިލީހުގެ ސުޕަ މެޖޯރިޓީން ހިންގަނީ ޖަރީމާ: އައްބާސް

ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ލިބިފައި އޮތް ސުޕަ މެޖޯރިޓީން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބޮޑެތި ޖަރީމާތައް ހިންގަވަމުން ކަމަށް އެމްޑީއޭ އަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ފޭސްބުކް ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ ޕީއެންސީގެ މެންބަރުން ނިސްބަތްވާ ދާއިރާ ތަކުގެ ރައްޔިތުން ގެ ކަންބޮޑުވުންތަކުގެ ވާހަކަ އާއި ދާއިރާތަކުގެ ތަރައްގީގެ ކަންކަމުގެ ވާހަކަ ދެއްކުމަކީ ޕީއެނ.ސީ ގެ ޕީޖީ ގްރޫޕްގައި ރައީސް މުއިއްޒު މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

"އެހެންވީމަ އެ ބޭފުޅުންގެ ދާއިރާގެ ރަށްރަށުގެ ތަރައްޤީ އަށް ކަންކަން ނުވާ ވާހަކަ އާ ރައްޔިތުން އުޅެމުންދާ ދަތިއުދަގޫ ހާލަތުގެ ވާހަކަ ނުދައްކާ މަންމަނުވެފައި ތިއްބަވުން ނޫންގޮތެއް ނެތް.. އޭގެ ބަދަލުގައި އެބޭފުޅުން ކުރައްވަން ޖެހެނީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ދިފާއުކުރުމާއި ސަރުކާރުން ކުރާ ނުރަގަޅު ކަންކަން ދިފާޢުކޮށް ރައީސް ޑރ.މުއިއްޒު ސޯސަލްމީޑިއާގައި ކުރައްވާ ޕޯސްޓުތަށް ޝެއާރކޮށް ހެދުން،" އައްބާސް ވިދާޅުވި އެވެ. "ދެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ ސަރުކާރުން މަޖިލީހަށް ފޮނުއްވާ ކޮންމެ ބިލަކަށް ސަރުކާރުން އެދޭ ގޮތަށް ބަހުސްކޮށް ބިލް ފާސްކުރުމާއި އެކި އެކި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރަން ރައީސް މުއިއްޒު މަޖުލީސް އަށް ފޮނުއްވާ ނަންތަކުގެ ތެރެއިން ވަކި ޝަރުތެއް،ފެންވަރެއް ބެލުމެއްނެތި ރައީސް ޑރ.މުއިއްޒު މެސެޖު ކޮށްލާފައި ވިދާޅުވާ ބޭފުޅަކު އައްޔަންކުރުން."

އޭނަ ވިދާުވީ މީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހަދާ ބާރުގެ ސުޕަ މެޖޯރިޓީގެ ބޭނުން ހިއްޕަވައިގެން ރައީސް މުއިއްޒު ހިންގާވާ ޖަރީމާތަކުގެ ކުޑަ މިންވަރެއް ކަމަށެވެ.

"ސުވާލަކީ ރައްޔިތުން ގެ މަޖުލީސް މެންބަރުންނަށް ދާއިރާތަކުގެ ރައްޔިތުން ވޯޓު ދިނީ މިހެން މިކަން ކުރައްވަންތޯ؟ ދާއިރާގެ ރައްޔިތުންގެ ހައްޤުތައް ދޫކޮށްލާފައި ވަކި ޕާޓީ އަކުން ނުވަތަ ވަކި ބޭފުޅަކު ވިދާޅުވާ ގޮތަށް އަމަލު ކުރައްވަންތޯ؟،" އައްބާސް ވިދާޅުވި އެވެ. "ތިގޮތަށް ކިހާ ދުވަހަކު ރައީސް މުއިއްޒުގެ މަކަރުވެރި، ދޮގުވެރި ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ މަޖުލީސް ގެ މެންބަރުން ގެ އިހުސާސްތަކާ ދެކޮޅަށް އެދާއިރާގެ ރައްޔިތުންގެ ހައްޤު ތަކުން މަހުރޫމްކޮށްގެން ގެންގުޅެވިދާނެތޯ؟"