ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފް މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އާ އެކްޝަން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ މިއީ މުރާދު ކެތާނީ ޕްރޮޑިއުސްކޮށް، ކަންނާޑާ ޑައިރެކްޓަރު ސަޗިން ރަވީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. އޭނަ އަކީ 2019 ގެ ފެންޓަސީ އެޑްވެންޗާ ކޮމެޑީ 'އަވާނީ ސްރީމަންނަރާޔަނާ' ގެނެސްދިން ޑައިރެކްޓަރެވެ.
ޓައިގާއާ އެކު ސަޖިން ހަދަން ތައްޔާރުވަމުން އަންނަ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޝާހްރުކް ޚާންގެ 2023 ގެ 'ޖަވާން' އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިިވާ ސަނީ ޑިއޯލްގެ 'ބޯޑާ 2' ގެ ސްކްރީން ރައިޓަރު ސުމިތު އަރޯރާ އެވެ. އަމާޒަކީ ޓައިގާގެ ފިލްމު އަންނަ އަހަރުގެ ތެރޭގައި ގެނެސްދިނުމެވެ.
އޭނަގެ ކުރިއަށް އޮތް ފިލްމަކީ 'ބާގީ' ފްރެންޗައިޒްގެ ހަތަރު ވަނަ އެވެ. އެ ފިލްމު އަންނަ ސެޕްޓެމްބަރު މަހުގެ 5 ގައި ސިނަމާތަކަށް ގެންނާނެ އެވެ.