Last Updated: August 3, 11:09
Sunday, August 3, 2025
ޚަބަރު

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ހަވާލުކޮށްފި

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ސްޕޯޓްސް މިނިސްޓްރީން ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ފެނަކަ އާއި އާރްޑީސީއާ އެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ ފެނަކައާ ހަވާލުކޮށްފައިވަނީ ހއ. ރ. ކ. ތ އަދި ލ އަތޮޅުގެ ބައެއް ރަށްތަކުގެ 13 މަޝްރޫޢުއެއް ކަމަށެވެ. އެއީ 4 އައުޓްޑޯ ޖިމް، 3 ފުޓްސަލް ދަނޑު، 2 ހޭންޑްބޯޅަ ކޯޓު، 2 އައުޓްޑޯ ވޮލީކޯޓު އަދި 2 ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމެވެ.

އާރްޑީސީއާ ހަވާލުކުރެވުނު 11 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 5 އައުޓްޑޯ ޖިމް، 3 ފުޓްބޯޅަ ދަނޑު (ސަބްބޭސް، ޓާފް، ވަށާފާރު، ފެންސް ލައިޓް ހަރުކުރުން)، ހޭންޑްބޯޅަ ކޯޓެއް، ފުޓްސަލް ދަނޑެއްގެ އިތުރުން ފ. ބިލެތްދޫ ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމެވެ.

ސަރުކާރުން އަންނަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ގިނަ ފަރާތްތަކާ ހަވާލުކުރަމުންނެވެ. އެގޮތުން މިއަދު ވަނީ 6 ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް ވެސް ހަވާލުކޮށްފަ އެވެ.