Last Updated: August 3, 11:09
Sunday, August 3, 2025
ޚަބަރު

ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރަން އެއްބާރުލުން ލިބޭނެ

ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރަން ދިވެހި ސަރުކާރުން އެއްބާރުލުން ދެމުންގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސުލްޙަވެރި ގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު، "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމާ ގުޅިގެން ނެރުއްވި ބަޔާނުގަ އެވެ.

އެ ބަޔާނުގައި ރައީސް ވިދާޅުވީ "ނިއުޔޯކް ޑެކްލެރޭޝަން" އަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއް ކަމަށެވެ.

އަދި އެއީ، އިސްރާއީލުން ފަލަސްޠީނަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމުގައްޔާއި، ފަލަސްޠީނުގެ އިޤްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭހެން، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.